ރޯދަ ހަދިޔާ: އަތޮޅުތެރެއަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް ނިމޭނެ

ރޯދަ ހަދިޔާ: އަތޮޅުތެރެއަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް ނިމޭނެ

Author
ޙަސަން މުޙައްމަދު
24 ޖެނުއަރީ 2026 11:07
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މި އަހަރުގެ ރޯދަ މަހުގެ ހަދިޔާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ހާމަކުރައްވައިފިއެވެ. މި އަހަރު މުޅި ރާއްޖެއިން ޖުމްލަ 118،773 ގޭބީސީއަކަށް މި ހަދިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީ ހިމެނެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މިރޭ ރަސްމީކޮށް ފަށާފައިވާއިރު، ވަޒީރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިރޭގެ 20:00 އާ ހަމައަށް އެކަނިވެސް ޕޯޓަލް މެދުވެރިކޮށް 4805 ގޭބިސީއަކުން ވަނީ ކިއު ނަންބަރު ނަގާފައެވެ. ވަޒީރު ވަނީ އަތޮޅުތަކަށް މުދާ ފޮނުވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި، ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ވެސް މަސްދަޅު ކޭސްތައް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި މި ތަކެތި ބެހުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށްޓަކައި ހާއްސަ ސެންޓަރުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގައި ނަމަ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުން ހަދިޔާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި އުމަރު ޒާހިރު ބިލްޑިންގާއި ޕޮލްކޯ ޓަވަރުގެ އިތުރުން މުހައްމަދު ގާސިމް ޕްރީ ސްކޫލުން ދޫކުރަމުންދާއިރު، ފޭސް 2 ގައި ކާމިލު ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ އިން ވެސް މަސްދަޅު ކޭސް ލިބެން ހުންނާނެއެވެ. ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި ހަދިޔާ ދޫކުރަމުން ގެންދާނީ ވެމްކޯ ސައިޓުންނެވެ. މިއީ މިދިޔަ އަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.