ތާރީޚީ ކާމިޔާބީ ދަމަހައްޓަން އިންޑޯ ކޯޓުތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރާނަން: މިނިސްޓަރު ރާފިއު

ތާރީޚީ ކާމިޔާބީ ދަމަހައްޓަން އިންޑޯ ކޯޓުތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރާނަން: މިނިސްޓަރު ރާފިއު

Author
އަހުމަދު
24 ޖެނުއަރީ 2026 11:01
0

މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް، މުބާރާތުގެ ތަށި ރާއްޖޭގެ ގައުމީ ޓީމުން އުފުލާލުމާއެކު، އެ ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުޅުންތެރިންނަށް ބޭނުންވާ އިންޑޯ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކޮށްފިއެވެ. ބޫޓާނާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުޅި މުބާރާތުގައިވެސް ބަލިނުވެ ދިވެހި ޓީމުން ހޯދި މި ކާމިޔާބީއަކީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ފަޚުރުވެރި ވަގުތުކޮޅެކެވެ.

މި ތާރީޚީ މޮޅާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ކުޅިވަރާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ، ގައުމީ ފުޓްސަލް ޓީމުގެ މި ކާމިޔާބީއަކީ ހަމައެކަނި އެ ކުޅިވަރަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި، މިއީ މުޅި ގައުމުގައި ކުޅިވަރުގެ ރޫހު އާލާވެ، އެހެނިހެން ކުޅިވަރުތަކަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، އެ ފެންވަރުގައި ޓީމު ދެމިއޮތުމަށްޓަކައި އެންމެ މުހިންމު ކަމަކީ އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ފުޓްސަލް ކުޅުންތެރިންގެ އެންމެ ބޮޑު ހުވަފެން ކަމުގައިވާ އިންޑޯ ޕްރެކްޓިސް ފެސިލިޓީއެއް ގާއިމުކޮށްދިނުމުގެ މަސައްކަތް، މި ކާމިޔާބީއާއެކު "ބާރު ސްޕީޑުގައި" ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އިންޑޯ ކޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު މިހާރުވެސް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި އެކަން ތަންފީޒުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް އެސޯސިއޭޝަންގެ ރައީސާއެކު މަޝްވަރާކުރެވިފައިވާކަންވެސް ވަޒީރު ހާމަކުރެއްވިއެވެ. ސަރަހައްދީ ފެންވަރުގައި ރާއްޖޭގެ ނަން ރޯޝަންކޮށްދިން ގައުމީ ފުޓްސަލް ޓީމު، ޗެމްޕިއަންކަމުގެ ތަށްޓާއެކު ރާއްޖެ އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.