"ތާރީޚީ ފަޚުރެއް": ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރުމުން ރައީސްގެ މަރުހަބާ!

"ތާރީޚީ ފަޚުރެއް": ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރުމުން ރައީސްގެ މަރުހަބާ!

Author
ޙަސަން މުޙައްމަދު
24 ޖެނުއަރީ 2026 06:16
0

ސަރަހައްދީ ފުޓްބޯޅައިގެ މައި އިދާރާ (ސާފް) އިން ބޭއްވި ފުރަތަމަ ސަރަހައްދީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ކަށަވަރުކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤައުމީ ފުޓްސަލް ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ތައިލެންޑްގައި މިހާރު ކުރިއަށްދާ "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026″ ގެ ތަށި ރާއްޖެއިން ޔަގީންކުރީ، މިއަދު ހަވީރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިއީ ލީގު ބުރުގައި ބާކީ އެއް މެޗު އޮއްވައި، މެޗުގެ ފުރަތަމަ ކޮޅު ބައިކޮޅަށް ވަން ލަނޑާއެކު ވެސް ފަހަތުން އަރައި ރާއްޖެއިން ހޯދި މުހިންމު މޮޅެކެވެ.

މި ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރިން ހޯދަމުންދާ ރަން ވަނަތައް އިތުރުވުމަކީ ޤައުމުގެ މުސްތަޤްބަލް އުޖާލާކޮށްދޭ ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ފުރިހަމަ މޮޅެއް ހޯދައި، ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ "ތާރީޚީ ފަޚުރެއް" ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް ކަމަށެވެ. މީގެ އިތުރުން ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅުންތެރިން ދެއްކެވި މޮޅު ކުޅުމަށް ރައީސް ވަނީ އައްސަރިބަހާއި ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.