ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ހަގީގަތަކަށް ހައްދަވައި، ނ. ވެލިދޫގައި މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން ވެލިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދުގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިލްޔާސް ފާހަގަކުރެއްވި ގޮތުގައި، ވެލިދޫގައި ސީޕްލޭން ޖައްސަން ފެށުމަކީ ހަމައެކަނި ފަތުރުވެރިކަމަށް ލިބޭ ކުރިއެރުމެއް ނޫނެވެ. މިއީ ރަށުގެ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ރަށުގެ ވިޔަފާރިވެރިންނަށް އިޤްތިޞާދީ ގޮތުން ފަހިވެގެންދިޔަ މުހިންމު ދޮރެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ވެލިދޫގައި ވަނީ ޚާއްޞަ ސީޕްލޭން ޕްލެޓްފޯމެއް ޤާއިމްކޮށްފައެވެ. އަދި ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ޗެކިން ކުރުމާއި ފުރަންދެން މަޑުކޮށްލައިގެން ތިބުމަށް ވެލިދޫ ކައުންސިލް އިދާރާގައި ޚާއްޞަ ލައުންޖެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. މި ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ ދިވެހިންނަށް ކޮޅަކަށް 999 ރުފިޔާ އަދި ފަތުރުވެރިންނަށް ކޮޅަކަށް 93 ޑޮލަރުގެ ރޭޓުންނެވެ.
ޚިދުމަތް އިފްތިތާޙު ކުރުމާއެކު، މިއަދު މެންދުރު 2:40 ގައި ވެލިދޫއިން މާލެއަށް ފުރަތަމަ ފްލައިޓް ދަތުރުކޮށްފައިވާއިރު، މި ދަތުރުގައި 15 ފަސިންޖަރުން ބައިވެރިވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ޤާއިމްކޮށްދެއްވުމަކީ ރައީސް ޑރ. މުޢިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު އެރަށަށް ކުރެއްވި ޒިޔާރަތުގައި ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ.
ކޮމެންޓު ފޮނުވާ