އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މައުލޫމާތު ބެލުމުގެ ފުރުސަތު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލް މެދުވެރިކޮށް ވެރިކަންކުރާ ޕީއެންސީއަށް އޮންނަ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތު އީސީން ދޮގުކޮށްފިއެވެ. އެމްޑީޕީން ބުނެފައިވަނީ އީފާސް މެދުވެރިކޮށް އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދުކުރުމުން، އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ލިބޭ ކަމަށާއި، މިސާލެއްގެ ގޮތުން ތ. ވިލުފުށީގެ ކެންޑިޑޭޓެއްގެ މައުލޫމާތު އެގޮތަށް ލީކުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
މި ވާހަކަތައް ދޮގުކުރައްވައި އީސީގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވަދެވޭނީ ހަމައެކަނި ޕާޓީތަކަށް ޚާއްސަ 'ސިމެދަ' ޕޯޓަލަށް ކަމަށެވެ. އަދި އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުންގެ މައުލޫމާތު ބެލުމުގެ ހުއްދަ އެއްވެސް ޕާޓީއަކަށް ދީފައި ނުވާނެ ކަމަށާއި، އެ ޕޯޓަލަށް ވަދެވޭނީ ހަމައެކަނި އެ މަސައްކަތާ ގުޅުންހުރި އީސީގެ މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކޮމިޝަންގެ މެންބަރުންނަށް ވެސް އެ އެކްސެސް ނޯންނާނެ ކަމަށް ޞަލާޙް ފާހަގަކުރެއްވިއެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމުގެ ސުންގަޑި އަންނަ މަހުގެ އެއްވަނަ ދުވަހަށް ހަމަވާއިރު، އަމިއްލަ ގޮތުން ވާދަކުރާ މީހުން 50 މީހުންގެ ތާއީދު އީސީގެ ޕޯޓަލް މެދުވެރިކޮށް ހޯދަން ޖެހޭކަން އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ