ބޯހިޔާވަހިކަމުގެ ސްކީމަށް 800 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި: އަވަސްކުރުމަށްވުރެ ފުރިހަމަކުރުމަށް މިނިސްޓަރުގެ އިލްތިމާސެއް

ބޯހިޔާވަހިކަމުގެ ސްކީމަށް 800 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި: އަވަސްކުރުމަށްވުރެ ފުރިހަމަކުރުމަށް މިނިސްޓަރުގެ އިލްތިމާސެއް

Author
އައިޝަތު އަޙްމަދު
21 ޖެނުއަރީ 2026 10:15
0

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުންނާއި، ފްލެޓަށް އެދި 416 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. މީގެ އިތުރުން ފޯމު ފުރިހަމަކުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓް ސްޓޭޖުގައި 5,599 ފޯމު އޮތްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މުއްޠަލިބު ވަނީ ފޯމު ހުށަހެޅުމުގައި އަވަސްއަރުވާލައިގެން ފޯމު ނުލުމަށް އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކުރިއަށްދާ ކަމެއް ނޫން ކަމަށާއި، އަވަހަށް އެޕްލައި ކުރުމުން ލިބޭނެ އިތުރު މާކްސްއެއް ނުވަތަ ފައިދާއެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އެންމެ މުހިންމު ކަމަކީ ހުރިހާ ލިޔެކިޔުންތަކާއެކު ފޯމު ރަނގަޅަށް ފުރިހަމަކޮށްފައި ހުށަހެޅުން ކަމަށް ވިދާޅުވިއެވެ. އަދި ޝަރުޠު ހަމަނުވާ ފަރާތްތަކުން ނުބައި މަޢުލޫމާތު ދީގެން ފޯމު ހުށަހެޅުމަކީ ދައުލަތުގެ ވަސީލަތްތައް އިސްރާފުކުރުން ކަމުގައި ފާހަގަކުރައްވައި، އެފަދަ ކަންކަން ނުކުރުމަށް އެދިވަޑައިގެންނެވިއެވެ.

ފޯމު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބިމަށް އެދި ހުށަހެޅުމަށް 45 ދުވަސް އަދި ފްލެޓަށް އެދި ހުށަހެޅުމަށް 3 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. މި ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.