މިދިޔަ އަހަރު ތަސްދީގުކުރެވުނު ޒަކާތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޒަކާތު ކައުންސިލްގެ ނިންމުމާއެކު، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމުގެ އެންމެ އިސްވެރިޔާ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޝައިޚް އިމްތިތާއު އައްބާސް ހަމަޖައްސަވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަގާމަށް ޝައިޚް އިމްތިތާއު އައްޔަންކުރެއްވީ އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދެވުނު އިންޓަވިއުތަކަށްފަހުގައެވެ. އެގޮތުން ތައުލީމާއި ތަޖުރިބާ އަދި ގާބިލުކަމަށް ބަލައި، އެ މަގާމަށް އެންމެ އެކަށޭނަ ބޭފުޅަކީ އިމްތިތާއު ކަމަށް ޒަކާތު ކައުންސިލަށް ފެނިވަޑައިގަތުމުންނެވެ.
މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝައިޚް އިމްތިތާއު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. އޭގެ އިތުރުން، އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ހެޑް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ މުހިންމު މަގާމުތައް ފުރުއްވައި، ދާއިރާގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ. ޚާއްސަކޮށް، ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، ޒަކާތު ހައުސްގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ.
ޝައިޚް އިމްތިތާއު އައްބާސްގެ ތައުލީމީ ހަޔާތްޕުޅަށް ބަލާއިރު، އެމަނިކުފާނު ވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ހަދީސް ސައިންސަސް އެންޑް އިސްލާމިކް ސްޓަޑީޒްގެ ރޮނގުން ބެޗްލާސް ޑިގްރީ ޙާސިލުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ޖުޑީޝަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރައްވާފައިވާއިރު، މިހާރު ގެންދަވަނީ ހަމަ އެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ