އިޒްރޭލުގެ ސިފައިން އިރުމަތީ ޤުދްސުގެ ޝައިޚް ޖައްރާގައި ހުންނަ އދ. ގެ ރެފިއުޖީންނާ ބެހޭ އޭޖެންސީ (އަންރުވާ) ގެ މައި މަރުކަޒަށް ގަދަކަމުން ވަދެގަނެ، އެތަނުގެ ބައެއް އިމާރާތްތައް ބުލްޑޯޒަރު ޖަހައި ތަޅާލައިފިއެވެ. އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އިޒްރޭލު ސިފައިން ވަނީ އެތަނުގެ މުވައްޒަފުން ނެރެ، މުދާތައް އަތުލުމަށްފަހު އިމާރާތްތައް ބިމާ ހަމަކޮށްފައެވެ. މި ހާދިސާ ހިނގިއިރު އިޒްރޭލުގެ ހަރުކަށި ފިކުރުގެ ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރް އެ ސަރަހައްދަށް ވަޑައިގެން، އެއީ "ތާރީޚީ ދުވަހެއް" ގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ އިމްތިޔާޒުތަކަށް ކަނޑައެޅިގެން އަރައިގަތުން ކަމުގައި ވިދާޅުވެ، މިއީ ނުރައްކާތެރި ފެށުމެއް ކަމަށް އިންޒާރު ދެއްވާފައެވެ. ލަޒަރީނީ ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އެ އެޖެންސީއަށް ދިން ހަމަލާއެއް ނޫން ކަމަށާއި، މިއީ ފަލަސްތީނުގެ ރެފިއުޖީންގެ އައިޑެންޓިޓީ ނައްތާލުމަށް އިޒްރޭލުން ރާވައިގެން ހިންގަމުންދާ މަސައްކަތުގެ ބައެކެވެ. އަދި މިއަދު އަންރުވާއަށް ދިމާވި މި ހާލަތު މާދަމާ ބައިނަލްއަގުވާމީ އެހެން ޖަމިއްޔާތަކަށްވެސް ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
މި އަމަލު ހިންގާފައިވަނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އެހީދޭ ގިނަ ޖަމާއަތްތަކަކަށް އިޒްރޭލުން ދަތިކޮށް، ލައިސަންސް ބާތިލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ހަމާސް ޖަމާއަތުން ވަނީ އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު "ލަދުވެތި ޖަރީމާއެއް" ކަމަށް ބުނެ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ