ރަމަޟާން މަހުގެ ޕީކަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރަށްރަށަށް ޖަނަރޭޓަރު ފޮނުވަން ފަށައިފި

ރަމަޟާން މަހުގެ ޕީކަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ރަށްރަށަށް ޖަނަރޭޓަރު ފޮނުވަން ފަށައިފި

Author
އަހުމަދު
20 ޖެނުއަރީ 2026 11:07
0

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުންނާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސްޓެލްކޯއިން އަތޮޅުތެރޭގެ ރަށްތަކަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

އާންމު ގޮތެއްގައި ރަމަޟާން މަހަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކަރަންޓު ބޭނުންކުރާ މިންވަރު ނުވަތަ ލޯޑް އިންތިހާއަށް އިތުރުވެގެންދާ ދުވަސްވަރެކެވެ. ކަރަންޓު ބޭނުންކުރާ މިންވަރު މަތިވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނެޓްވޯކްތައް އޯވަރލޯޑްވެ، މުޅި ރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ހާލަތްތައް މީގެ ކުރިން މެދުވެރިވެފައިވެއެވެ. އެހެންކަމުން ސްޓެލްކޯއިން މިހާރު ފަށާފައިވާ މަސައްކަތަކީ މިފަދަ ދަތިތައް ހައްލުކޮށް، ޚިދުމަތުގެ ޔަޤީންކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތާ ގުޅޭގޮތުން ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އިތުރު ޖަނަރޭޓަރުތައް ފޮނުވުމުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުވެގެންދާނެއެވެ. ރަށްތަކަށް ޖަނަރޭޓަރު ފޮނުވުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދިން ނަމަވެސް، މި ފަހަރުގެ ޕްރޮޖެކްޓްގެ ދަށުން ޖަނަރޭޓަރުތައް ފޮނުވަނީ ކޮން ރަށްތަކަކަށް ކަމެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން، މި ހިނގާ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެ ކުންފުނިން ވަނީ ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ 1200 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓްވެސް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.