ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި ޕްރޮޖެކްޓް އުސޫލުން ހުއްދަ ދޫކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، މުއްދަތު ހަމަވެފައިވާ ތަންތަން އަލުން ރަޖިސްޓްރީ ކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. މިކަން ހާމަކޮށް އެ މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި، އެ ފަރާތްތަކުގެ ކަންކަން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެއް ކަމަށެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕްރޮޖެކްޓް އުސޫލުން ރަޖިސްޓްރީކޮށްފައިވާ ސައިޓްތަކުގެ ތެރެއިން، އެކްސްޕެޓް ސިސްޓަމްގެ ރެކޯޑުތަކުން މުއްދަތު ހަމަވެފައިވާ ކަމަށް ދައްކާ ތަންތަނުގެ ސްޓޭޓަސް، މި ހިނގާ އަންގާރަ ދުވަހުން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް" އަށް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން، ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ކޯޓާއެއް ނަގާފައި ނުވާ ވޯކް ސައިޓްތައް، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "އިންއެކްޓިވް" ސްޓޭޓަސް އަށް ބަދަލުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން، މިގޮތަށް ބަދަލުކުރެވޭ ސައިޓްތައް އަލުން އެކްޓިވޭޓް ކުރުމަށްޓަކައި، މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް އާކުރުމަށްފަހު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ވޯކް ސައިޓް ޑޮކިއުމަންޓް" އަޕްޑޭޓް ކުރުމަށް މިނިސްޓްރީން ވަނީ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. ސަރުކާރުން ގެންދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އެކުލަވާލުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ