ރަށްރަށުގެ ސިއްޙީ ނިޒާމަށް ބޮޑު ލުޔެއް: 56 އެމްބިއުލާންސް ފޮނުވުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ރަށްރަށުގެ ސިއްޙީ ނިޒާމަށް ބޮޑު ލުޔެއް: 56 އެމްބިއުލާންސް ފޮނުވުމުގެ ޢަމަލީ މަސައްކަތް ފަށައިފި

Author
ޙަސަން މުޙައްމަދު
19 ޖެނުއަރީ 2026 11:26
0

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުގެ ދަށުން، 56 ރަށަކަށް ޚާއްޞަކޮށްގެން ގެނައި އެމްބިއުލާންސްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އަތޮޅުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި، ރައްޔިތުންނާއި ކައުންސިލްތަކުން އެމަނިކުފާނާ ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ފެއްޓެވި މަސައްކަތެކެވެ. ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން، ބަލިމީހުން އުފުލުމަށް ބޭނުންވާ އެމްބިއުލާންސް ނެތުމާއި، ހުރި އެއްޗެހި ހަލާކުވެ ޚިދުމަތް މެދުކެނޑުމަކީ ގިނަ ރަށްތަކަކުން ކުރަމުން އައި އެންމެ ބޮޑު އެއް ޝަކުވާއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރަސްމީކޮށް ހަވާލުކުރެވުނު މި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، އެމްޕީއެލްއިން މަޢުލޫމާތު ދޭ ގޮތުގައި މި ހިނގާ މަހުގެ ނިޔަލަށް ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވައި ނިންމާލެވޭނެއެވެ. 2025 ވަނަ އަހަރުގެ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫޢަށް ޖުމްލަ 65.3 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މި ވެހިކަލްތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ތެރޭގައި ތިން ބުރަކަށް ބަހާލައިގެންނެވެ.

ސިއްޙީ ވުޒާރާއިން ހާމަކުރާ ގޮތުގައި މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ސިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ބޭނުންކުރުމަށް ޚާއްޞަ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނައުމަށް ވެސް ވަނީ ރާވައިފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ އަވަސްކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބޮޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.