މި ދުވަސްވަރު މާލެ ސަރަހައްދުގައި އަރިދަފުސް ރޯގާއާއި، ބޭރަށް ހިންގުމުގެ އިތުރުން ޑެންގީ ހުން ހަލުވިކަމާއެކު ފެތުރެމުންދާތީ، އާންމު ސިއްހަތަށް ސަމާލުކަން ދިނުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސްކޮށްފިއެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިހާރަކަށް އައިސް ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންގެ ތެރޭގައި މި ބަލިތައް ޖެހިގެން އަންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހޮސްޕިޓަލަށް ޒިޔާރަތްކުރާނަމަ މާސްކް އެޅުމަށް އައިޖީއެމްއެޗުން ވަނީ އިރުޝާދު ދީފައެވެ. އަދި ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދީ، ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށް ނުވަތަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށްވެސް އެ ހޮސްޕިޓަލުން އެދިފައިވެއެވެ. މީގެ އިތުރުން، ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށްވެސް ވަނީ އެދިފައެވެ.
ވަކިން ޚާއްސަކޮށް، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް އައިޖީއެމްއެޗުން ވަނީ ގޮވާލާފައެވެ. އަދި ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
މި ހާލަތާ ގުޅިގެން، ރޯގާ ޖެހިފައިވާ ފަރާތްތަކަށް ލުއިފަސޭހަކޮށް ޚިދުމަތް ދިނުމުގެ ގޮތުން އައިޖީއެމްއެޗުން މިހާރު ވަނީ ޚާއްސަ ފްލޫ ކްލިނިކެއް ހުޅުވާފައެވެ. މި ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކިއުބީ މެދުވެރިކޮށް ފްލޫ ކްލިނިކް ޓޯކެން ނެގުމަށްފަހު، އެންމެ ފުރަތަމަ ދާންޖެހޭނީ އީއާރް ޓްރައިޖަށެވެ. އެތަނުން ބެލުމަށްފަހު ފްލޫ ކްލިނިކަށް (ކޮންސަލްޓޭޝަން ރޫމް 10) ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް އިރުޝާދު ދޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ