ޕީއެންސީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް މަރިޔަމް ޝިއުނާ ބުރުގާ ނާޅާ ހުއްޓައި ނަގާފައިވާ އޭނާގެ ކުރީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގައި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ ދެކޮޅަށް ދައުވާކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ. ޝިއުނާ މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އޭނާ ބުނެފައިވާ ގޮތުގައި ޖަމީލު މި އަމަލު ހިންގަވާފައިވަނީ ސިޔާސީ ބޭނުމެއްގައި އޭނާއަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައެވެ. އެހެންކަމުން، ޖަމީލުގެ މި އަމަލުގެ ސަބަބުން ގެއްލިފައިވާ ހައްގުތައް ހޯދުމަށާއި އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމީ ކަމަށް ޝިއުނާ ހާމަކުރިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޑރ. ޖަމީލު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ޖަމީލު ވަނީ ޝިއުނާގެ ކުރީގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯއެއް އެއްކޮށްލައި، އަލް ހުޖުރާތު ސޫރަތުގައި ދޮގު ޚަބަރު ފަތުރާ މީހުންނާ (ފާސިގުންނާ) ގުޅޭގޮތުން އޮންނަ އާޔަތުގެ މާނަ ހިއްސާކުރައްވާފައެވެ. ޖަމީލު މިފަދައިން އަމަލުކުރެއްވީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ތާއީދާއެކު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދުއާ ގުޅޭގޮތުން، ޕީއެންސީގެ އެކްޓިވިސްޓުން ހިންގާކަމަށް ތުހުމަތުކުރެވޭ ވެބްސައިޓެއްގައި ދޮގު ޚަބަރެއް ފެތުރުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރައީސް ޑރ. މުއިއްޒާއި ކުރީގެ ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން، ދެ ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުގެ މެދުގައި މިފަދަ ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.
ކޮމެންޓު ފޮނުވާ