ސްޕެއިންގައި ހައި-ސްޕީޑް ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ

ސްޕެއިންގައި ހައި-ސްޕީޑް ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެ

Author
އައިޝަތު އަޙްމަދު
19 ޖެނުއަރީ 2026 08:13
0

ސްޕެއިންގެ ދެކުނުގެ ސަރަހައްދެއްގައި ދަތުރުކުރަމުންދިޔަ ހައި-ސްޕީޑް ދެ ރޭލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. އާދީއްތަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި މަދުވެގެން 21 މީހުން މަރުވެފައިވާކަން އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

ސްޕެއިންގެ ރޭލު ދަތުރުތަކާ ބެހޭ އިދާރާ (އޭޑީއައިއެފް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މަލާގާއިން ފުރައިގެން ވެރިރަށް މެޑްރިޑަށް ދަތުރުކުރި ރޭލެއް 'އަދަމޫޒް' ކައިރިން ދަގަނޑުމަތިން ކަސިޔާރުވެގެންނެވެ. ކަސިޔާރުވި ރޭލު ގޮސް އަނެއް ފަރާތު ދަގަނޑަށް އެރުމުގެ ސަބަބުން، އެ ވަގުތު ކުރިމަތިން އައި އެހެން ރޭލެއްގައި ޖެހި، ދެ ރޭލުވެސް ވަނީ ދަގަނޑުމަތިން ފުރޮޅާލާފައެވެ.

މި އެކްސިޑެންޓުގައި 21 މީހުން މަރުވުމުގެ އިތުރުން، 25 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެންޑަލޫޝިއާގެ އިމަޖެންސީ ސާވިސަސްއިން ބުނެއެވެ. ޒަހަމްވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި އެ ސަރަހައްދުގައި ފަސް މޮބައިލް އައިސީޔޫ އާއި ހަތަރު ކްރިޓިކަލް ކެއާ ޔުނިޓްގެ އިތުރުން ގިނަ އަދަދެއްގެ އެމްބިއުލާންސްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެންޑަލޫޝިއާ ސަރަހައްދުގެ ރައީސް ހުއާންމާ މޮރޭނޯ ވިދާޅުވީ، ދައުލަތުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާވި މީހުންގެ ހާލަތު ހަމައަކަށް އަޅުވައި، ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދިއުމަށް ކަމަށާއި، ހާދިސާގެ އަސަރުކުރި ހުރިހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ހާދިސާ ހިނގި ވަގުތު ރޭލުގައި އިން ނޫސްވެރިއެއް ކަމަށްވާ ސަލްވަޑޯ ޖިމެނޭޒް ކިޔައިދިން ގޮތުގައި، ރޭލު ޖެހުމުގެ ކުޑަވަގުތުކޮޅެއް ކުރިން ބިންހެލުމެއް އައި ފަދަ އިހުސާސެއް ކުރެވުނެވެ. އަދި ރޭލުގެ ފަހަތު ބައިތައް ދަގަނޑުމަތިން ކަސިޔާރުވި އިރު، އެންމެ ފަހަތު ބައި އޮތީ އެއްކޮށް އަރިމައްޗަށް ފުރޮޅާލާފައި ކަމަށް އޭނާ މައުލޫމާތު ދިނެވެ. މި ހާދިސާއާ ގުޅިގެން އެންޑަލޫޝިއާ ސަރަހައްދުން މެޑްރިޑަށް ކުރާ ރޭލު ދަތުރުތައް، ޚާއްސަކޮށް ކޯޑޯބާ، ސެވިލާ، މަލާގާ އަދި ހުއެލްވާ ހިމެނޭހެން ހޯމަ ދުވަހުގެ ނިޔަލަށް ވަނީ މެދުކަނޑާލާފައެވެ.

ސްޕެއިނަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ރައްކާތެރި ހައި-ސްޕީޑް ރޭލު ނެޓްވޯކެއް އޮންނަ ގައުމެކެވެ. ނަމަވެސް، މިއީ 2013 ވަނަ އަހަރު 80 މީހުން މަރުވި ސެންޓިއާގޯ ޑި ކޮމްޕޯސްޓެލާގެ ހާދިސާއަށްފަހު އެ ގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. ރޭލުގެ އިންފްރާސްޓްރަކްޗާ ބަލަހައްޓާ ފަރާތްތަކުން މިހާރު ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ފަންނީ ސަބަބުތައް ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.