އިންޑޮނީޝިއާގެ ޔޮގިއަކާޓާއިން ފުރައިގެން ސުލަވޭސީގެ މަކަސާރަށް ދަތުރުކުރަނިކޮށް، އިއްޔެ މެންދުރުފަހު ރާޑަރުން ގެއްލުނު އިންޑޮނީޝިއާ އެއާ ޓްރާންސްޕޯޓުގެ މަތިންދާބޯޓުގެ ބައިތަކާއި، އެ ބޯޓުން ދަތުރުކުރި މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ. މަކަސާރް ސާޗް އެންޑް ރެސްކިއު އޭޖެންސީން ހާމަކުރި ގޮތުގައި ބޯޓު ވެއްޓިފައިވަނީ މަކަސާރު ސިޓީގެ ބޯޑަރު ކައިރީގައި އޮންނަ ބަންޓިމުރުންގް-ބުލުސަރަންގް ނޭޝަނަލް ޕާކުގައި ހުންނަ މައުންޓް ބުލުސަރަންގް ފަރުބަދަ މައްޗަށެވެ.
އެ އޭޖެންސީގެ ވެރިޔާ މުހައްމަދު އާރިފް އަންވަރު ވިދާޅުވި ގޮތުގައި، ސާޗް އެންޑް ރެސްކިއު ޓީމުތަކަށް ވަނީ ބޯޓުގެ ފިއުޒާލާޖާއި، ލޮނގަނޑުކޮޅު (ޓެއިލް) އަދި ކުޑަދޮރުތަކުގެ ބައިތައް ހާދިސާ ހިނގި ސަރަހައްދުން ފެނިފައެވެ. މީގެ އިތުރުން، ބޯޓުގެ ބައިތައް ފެނުނު ސަރަހައްދުގެ ގާތްގަނޑަކަށް 200 މީޓަރު ފުންމިން ހުރި ވާދީއެއްގެ ތެރެއިން ފިރިހެނެއްގެ ހަށިގަނޑު ފެނިފައިވާކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން ގޯސްވުމާއި، ބިންގަނޑު އޮތްގޮތުން ދިމާވެފައިވާ ދަތިތަކާހެދި، ފެނުނު މީހާގެ ހަށިގަނޑު ނަގައިގެން ގެނެވޭވަރު ވާނީ މާދަމާ ކަމަށް އޮފިޝަލުން ލަފާކުރައްވައެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބީ ޖުމްލަ 10 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް މެރިން އެފެއާޒް އެންޑް ފިޝަރީޒްގެ ތިން މުވައްޒަފުންނާއި ބޯޓުގެ ހަތް ފަޅުވެރިންނެވެ. އެ ގައުމުގެ ފިޝަރީޒް މިނިސްޓަރު ސަކްތީ ވަހްޔޫ ޓްރެންގްގޮނޯ ވިދާޅުވެފައިވާ ގޮތުގައި، އެ ޓީމުން ދަތުރުކުރަމުން ދިޔައީ އެ ސަރަހައްދުގެ ވަސީލަތްތައް ވައިގެ މަގުން މޮނިޓާކުރުމުގެ މަސައްކަތަކަށެވެ. ބޯޓާއި މީހުން ހޯދުމުގެ މަސައްކަތުގައި ހާހެއްހާ މީހުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މޫސުމީ ގޮންޖެހުންތަކާ ހެދި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
އިންޑޮނީޝިއާއަކީ އެތައް ހާސް ރަށެއްގެ މައްޗަށް އެކުލެވޭ ގައުމަކަށްވެފައި، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް މައިގަނޑު ގޮތެއްގައި ވައިގެ ދަތުރުފަތުރު ބޭނުންކުރާ ގައުމެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ގައުމުގައި ވައިގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ދެ ހެލިކޮޕްޓަރު ވެއްޓި، ޖުމްލަ 12 މީހުން މަރުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ