ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި: ވޯޓުލުން އޮންނާނީ އޭޕްރީލް 4 ގައި

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި: ވޯޓުލުން އޮންނާނީ އޭޕްރީލް 4 ގައި

Author
އައިޝަތު އަޙްމަދު
17 ޖެނުއަރީ 2026 10:37
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ. އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 1 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:30 އެވެ.

މި ފަހަރުގެ އިންތިހާބުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ، ކެންޑިޑޭޓުންގެ ފޯމުތަކާއި އިދާރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީސީގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް ވުމެވެ. އެހެންކަމުން، ކުރީ އަހަރުތަކާ ޚިލާފަށް ހުރިހާ ލިޔެކިޔުންތައް ހުށަހެޅުމާއި، ހުށަހެޅުންތަކާމެދު ކޮމިޝަނުން ނިންމާ ގޮތްތައް ކެންޑިޑޭޓުންނަށް އަންގާނީވެސް ޑިޖިޓަލްކޮށް، އެ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ ވަގުތުތަކަށް ބަލާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށް އަދި ހުކުރު ދުވަހު 15:30 އިން އިރުއޮއްސި 18:00 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ކައުންސިލަރުންގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން އިންތިހާބު ކުރާނެއެވެ. މީގެ އިތުރުން ކޮންމެ ކައުންސިލަކަށް ޚާއްސަ ކުރެވިފައިވާ އަންހެން މެންބަރުންނާއި، ސިޓީތަކާއި ރަށްރަށުގެ ޑަބްލިއުޑީސީތަކުގެ ރައީސުންނާއި މެންބަރުން ހޮވުންވެސް މި އިންތިހާބުގެ ތެރޭގައި ކުރިއަށްދާނެއެވެ. ސިޔާސީ ޕާޓީތަކުން މިހާރުވެސް ވަނީ އިންތިހާބަށް ތައްޔާރުވެފައެވެ. އެގޮތުން ވެރިކަން ކުރާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވަނީ ޕްރައިމަރީތައް ބާއްވައި، ޕާޓީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައި ނިންމާފައެވެ.

އިންތިހާބުގެ ވޯޓުލުން އޭޕްރީލް 4 ގައި ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށްފަހު، ހަމަ އެދުވަހު ވޯޓު ގުނަން ފަށާނެއެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް އީސީން ތާވަލުކޮށްފައިވަނީ އޭޕްރީލް 11 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.