ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

Author
ހުސައިން
15 ޖެނުއަރީ 2026 12:01
0

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު، އަންނަ އާދިއްތަ ދުވަހު (18 ޖެނުއަރީ 2026) ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. ކުރިން މިއަދު ހުޅުވާލަން އޮތް ނަމަވެސް، ގިނަ ބަޔަކު އެއްފަހަރާ ޕޯޓަލް ބޭނުންކުރާނެތީއާއި ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި ތާރީޚު ބަދަލުކޮށް، ޕޯޓަލް ހުޅުވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

މި ފަހަރުގެ ސްކީމްގައި ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ކުރިން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތާއި، ޓެކްސީ ޑްރައިވަރުންނާއި މަސްވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަށް ޚާއްޞަ ކެޓަގަރީތައް ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް ވަކި އަދަދުތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ސްކީމަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.