އުތުރުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

އުތުރުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި

Author
ހުސެއިން
11 ޖެނުއަރީ 2026 09:45
0

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާއި ގުޅިގެން، ހއ. ބާރަށާއި ށ. ފުނަދޫގައި ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަންތަކެއްގައި ދިވެހި ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހިނގާ މަހުގެ 8 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މިގޮތުން ހއ. ބާރަށުގައި ހިންގި އޮޕަރޭޝަނަކީ ހަށިގަނޑުގައި ރައްކާކޮށްގެން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހިންގި ހަރަކާތެކެވެ. މި މައްސަލައިގައި އެރަށު ޖެޓީ މަތިން ހައްޔަރުކޮށްފައިވަނީ ޢުމުރުން 39 އަހަރުގެ ޢަލީ ތަސްލީމް (ހއ. ބާރަށް/ޕާޓްރާ) އާއި 45 އަހަރުގެ ޝަރަފުއްދީން (ހއ. ބާރަށް/ކުށްޅަވައްގެ) އެވެ. މި ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހަމަ އެދުވަހު ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެރަށު ނީލު ވިލާ، އުމުރުން 30 އަހަރުގެ އާދަމް ފަތުޙީއެވެ. އޭނާ ހައްޔަރުކުރީ ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުނަދޫ ބަނދަރު ސަރަހައްދުންނެވެ. އޭނާގެ އަތުންވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތަފާތު މުއްދަތުތައް ދީފައެވެ. އެގޮތުން ށ. ފުނަދޫއިން ހައްޔަރުކުރި އާދަމް ފަތުޙީގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ބާރަށުން ހައްޔަރުކުރި ޝަރަފުއްދީން 7 ދުވަހަށް އަދި ޢަލީ ތަސްލީމް 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.