ދުންފުހުގެ ސަބަބުން ވައި ނުސާފުވެ، ވައިގެ ދަތުރުތަކުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ދުންފުހުގެ ސަބަބުން ވައި ނުސާފުވެ، ވައިގެ ދަތުރުތަކުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި

Author
ޙަސަން މުޙައްމަދު
10 ޖެނުއަރީ 2026 08:15
0

ރާއްޖޭގެ މާހައުލުގައި ދުންފުހި ނުވަތަ ހޭޒްގެ އަސަރު ބޮޑުވެ، ދުރު ފެންނަ މިންވަރު ދަށްވުމާ ގުޅިގެން ވައިގެ ދަތުރުތައް ކުރުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ވައި ނުސާފުވުމުގެ ސަބަބުން ނުވަތަ މޫސުން ގޯސްވެ ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށްވުރެ ދަށްވެއްޖެނަމަ، އާންމުކޮށް ބޭނުންކުރާ "ވިޝުއަލް ފްލައިޓް ރޫލްސް" (ވީއެފްއާރު) އަށް އަމަލުކުރުން ވަގުތީގޮތުން މެދުކަނޑާލެވޭނެއެވެ. އަދި އޭގެ ބަދަލުގައި، އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމަށް "ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް" (އެސްވީއެފްއާރު) ބޭނުންކުރުމަށް އެއާލައިންތަކަށް އަންގަމުންދާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މިއީ އަލަށް ފެށި ކަމެއް ނޫންކަމަށާއި، މިއީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) ގެ ގަވާއިދުތަކާ އެއްގޮތަށް، ވައިގެ ނިއަމިކަމުގެ ޚިދުމަތްދޭ ފަރާތުގެ ހައިސިއްޔަތުން އެމްއޭސީއެލްއަށް ލާޒިމުކުރާ ކަމެއްކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން މީގެ ކުރިންވެސް މިފަދަ ހާލަތްތަކުގައި އަމަލުކުރަމުން އަންނަނީ މި އުސޫލުގެ ދަށުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން މި އުސޫލަށް އަމަލުކުރަން ޖެހިފައިވާއިރު، އެމްއޭސީއެލްގެ އެންމެ ބޮޑު އަމާޒަކީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެންމެ މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.