ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ޕޯޓަލްއެއް އީސީން ހުޅުވައިލައިފި

ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ޕޯޓަލްއެއް އީސީން ހުޅުވައިލައިފި

Author
އައިޝަތު އަޙްމަދު
06 ޖެނުއަރީ 2026 08:36
0

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް އޮންލައިން ޕޯޓަލް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ހުޅުވައިލައިފިއެވެ.

އީސީން ބުނީ ރަސްމީ ތާރީހުގެ ކުރިން ޕޯޓަލް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކަށް ފޯމް ފުރުމަށާއި ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް އެކަށޭނެ ވަގުތު ލިބި، ތައްޔާރުވުމަށް ފަސޭހަވާނެ ކަމަށެވެ. ކެންޑިޑޭޓުން ޕޯޓަލަށް ލޮގިންވާނީ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށާއި، ސިޔާސީ ޕާޓީއެއްގެ ނަމުގައި ކުރިމަތިލާނަމަ އެ ޕާޓީން އެންޑޯޒްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތްތަކުން ކުރިމަތިލާ ދާއިރާއިން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންޖެހޭނެ ކަމަށް އީސީން ހާމަކުރިއެވެ. ކެންޑިޑޭޓުން ތާއީދުދޭ މީހުންގެ އައިޑީ ކާޑު ނަންބަރާއި މޯބައިލް ނަންބަރު ޖަހައި ހުށަހަޅުމުން، އެ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް އެންގުމަށްފަހު، އީފާސް އެކައުންޓް މެދުވެރިކޮށް ތާއީދު ޔަގީންކުރާނެއެވެ. އަންހެނުންގެ ތަރައްގީ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެއެވެ.

މި މުއްދަތުގައި ޕޯޓަލްގައި މައުލޫމާތު ފުރިހަމަކޮށް ސޭވްކުރެވުނު ނަމަވެސް، ކޮމިޝަނަށް ފޯމު ރަސްމީކޮށް ހުށަހަޅާނީ އިންތިހާބަށް ކުރިމަތިލުން އަލަށް ހުޅުވާލުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.