ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހަކު ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެފި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލަށް 46 މެންބަރުން ތާއީދުކުރެއްވި ނަމަވެސް ފަސް މެންބަރުން ތާއީދެއް ނުކުރައްވަ އެވެ. ބިލް ބަލައިގަތުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ދިރާސާކުރުމަށް ވަނީ ފޮނުވާފައެވެ.
މި އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބޭއްވުމަށާއި، މަޖިލީހުގެ ދައުރަކީ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށް ކަނޑައަޅާފައިވެ އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހުގައި އަލަށް އިންތިހާބުކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. މި އިސްލާހު ތަންފީޒުވުމުން، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ކޮމެންޓު ފޮނުވާ