ހަނިމާދޫ އެއާޕޯޓް ސަރަހައްދީ ހަބަކަށް ހެދުމަށް ނަޝީދު ގޮވާލައްވައިފި

ހަނިމާދޫ އެއާޕޯޓް ސަރަހައްދީ ހަބަކަށް ހެދުމަށް ނަޝީދު ގޮވާލައްވައިފި

Author
ޢަބްދުﷲ ހުސައިން
02 ޖެނުއަރީ 2026 08:51
0

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދީ އެއާލައިނުގެ ހަބަކަށް ހެދުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި، އެ އެއާލައިނާ ގުޅިގެން އެއާޕޯޓު ހިންގުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށާއި، މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ވެސް އެކަން ފަހިވާނެ ކަމަށެވެ.

ނޮވެމްބަރު 9 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓެވެ. އޮކްޓޯބަރު 1986 ގައި ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ ފެބްރުއަރީ 2012 ގައެވެ. ސެޕްޓެމްބަރު 2022 ގައި ފެށި އާ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއު ވަނީ ފުރިހަމަވެފައެވެ.

އިންޑިއާގެ ލޯނު އެހީގައި ހެދި މި އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވުމާ ގުޅިގެން، ފުރަތަމަ ފަހަރަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެއް އެ އެއާޕޯޓަށް ޖައްސައިފައިވެއެވެ. އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން ބޭނުންކުރަމުން އަންނައިރު، އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ މި އެއާޕޯޓަކީ އުތުރުގެ ލޭންޑްމާކަކަށް ވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.