ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ކުށްކުރާ ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މިއަދު ހާމަކޮށްފިއެވެ.
މިދިޔަ އޮގަސްޓްމަހު އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގޭންގެއް ކަނޑައެޅުމަށް ފުރަތަމަ މަރުހަލާގައި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްއަށް މައްސަލަ ހުށަހަޅަން ޖެހެއެވެ. ދެން އެ މައްސަލަ ދިރާސާކުރުމަށްފަހު ޕީޖީން ހައިކޯޓަށް ފޮނުވާނެއެވެ. އަދި ފައިނަލް ނިންމުން ނިންމާނީ ހައިކޯޓުންނެވެ.
ގޭންގް ކްރައިމް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އިސްހާގް އާދަމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މައްސަލަ ދިރާސާކުރުމަށްފަހު ޕީޖީ އޮފީހުން ދޭން ލަފާދީފައިވާ ކަންތައްތައް މިހާރު ފުލުހުން ކުރަމުންދާ ކަމަށެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ގޭންގެއްގެ ޝަރުތު ހަމަވާ ގްރޫޕްތަކެއް ހުރިތޯ ފުލުހުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްހާގް ފާހަގަކުރެއްވި ގޮތުގައި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އިންތިޒާމްވެގެން މަގުމަތީގައި ނުރައްކާތެރިކޮށް ހަރަކާތްތެރިވި ކުށްވެރިން މިހާރު ވަރަށް މަދުވެފައިވާ ކަމަށެވެ. އަހަރުގެ ކުރީކޮޅާ އަޅާބަލާއިރު ފަހުކޮޅު މިފަދަ ކުށްތައް އިންތިހާއަށް މަދުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށް މި ގާނޫނުގެ ބޭނުން ރަނގަޅަށް ހިފޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ