ދަރިވަރަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ޓީޗަރަކަށް 5 ދައުވާ ކޮށްފި

ދަރިވަރަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ޓީޗަރަކަށް 5 ދައުވާ ކޮށްފި

Author
އައިޝަތު އަޙްމަދު
29 ޑިސެމްބަރ 2025 03:08
0

13 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޓީޗަރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަސް ދައުވާ ކޮށްފި އެވެ. މި މަހުގެ 18 ގައި މ. ސަދަންބީޗު، ނަބީލު އަބްދުﷲ، 46، އަށް ދައުވާ ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ޓީޗަރަކަށްވާ ނަބީލް މިދިޔަ އޮކްޓޯބަރު 21 ގައި ހުޅުމާލޭގައި ހުންނަ އެ ދަރިވަރުގެ ގެއަށް ދިޔައީ ޓިއުޝަން ދިނުމަށެވެ. އެ ކުއްޖާގެ ކޮޓަރިއަށް ވަދެ ގިނަ ވަގުތު ހޭދަކޮށް، ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވެ އެވެ. އެ ކޮޓަރީގައި އޮއްވާ، ކުއްޖާގެ މަންމަ ދޮރު ހުޅުވުމުން ނަބީލް ފިލަން ވަނީ ފާހަނާއަށެވެ. ފާހަނާގެ ދޮރު ހުޅުވުމުން އޭނާ ދުވެފައި ވަނީ ފިލާށެވެ.

ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުމާ އެކު، ހަމަ އެ ރޭ މަގުމަތިން ނަބީލް ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ. ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި، ހުއްދަ ނޫން ތަނަކަށް ވަނުމާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި އެ ކުއްޖާ ހުރި ތަނަކަށް ވަނުމާއި، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.