އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ވަގު ވޯޓު އަޅާފައިވާ ކަމަށް ތުހުމަތުކޮށް މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓު ފޮށި ގުނުމުގައި ހަމަނުޖެހުންތަކެއް ހިނގައި، ގުނުން ހުއްޓުވައިލައިފިއެވެ. ހެނދުނު ނުވައެއް ޖެހިއިރު ފެށި ވޯޓުލުން ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގޮސް، ކިޔޫގައި ތިބި މީހުންނަށް ވެސް ފުރުސަތު ދީފައިވެއެވެ. ވޯޓުލުން ނިންމައި ވޯޓު ފޮށިތައް ގުނަމުން ދަނިކޮށް މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓު ފޮށި ކައިރީގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް މަންޒަރު ފެނުނު މީހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯތަކުން ފެންނަނީ ވޯޓު ގުނަމުން ދަނިކޮށް އެ މަސައްކަތަށް ހުރަސްއަޅާފައިވާ މަންޒަރެވެ. ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވީ ޕްރައިމަރީ ފެށިގެން ނިމުމާ ހަމައަށް އަމާންކޮށް ދިޔަ ކަމަށެވެ. ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށް ކަމަށާއި، 121 މީހަކު ވާދަކުރަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކަމަށް ވެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާ ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 68،665 އަށް އަރައި، އެއީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ކަމަށްވާއިރު، ފަލާޙު ވިދާޅުވި ގޮތުގައި މެންބަރުންގެ އަދަދު މިހާރު 73،000 އަށް އަރާނެއެވެ.
ކޮމެންޓު ފޮނުވާ