ޕީއެންސީގެ ޕްރައިމަރީގައި 11،300 އަށްވުރެ ގިނަ މީހުން ވޯޓުލި

ޕީއެންސީގެ ޕްރައިމަރީގައި 11،300 އަށްވުރެ ގިނަ މީހުން ވޯޓުލި

Author
ހުސައިން
27 ޑިސެމްބަރ 2025 09:17
0

ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި 11،300 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. މިއީ ސީދާ ޕްރައިމަރީއެއްގެ ރެކޯޑު ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވެފައި ވެއެވެ.

ހެނދުނު ނުވައެއް ޖަހައިގެން ފެށި ޕްރައިމަރީގެ ވޯޓުލުން ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށްދިޔައެވެ. މާލޭގައި ރަށްރަށުގެ ފޮށި ނުބަހައްޓާ 44 ދާއިރާއެއްގެ ޕްރައިމަރީ ބެއްވި ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިގެންވާ 50 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުލިކަން ފަލާޙު ފާހަގަކުރެއްވިއެވެ. އެކަމަކު ރަށްރަށުގެ ފޮށި ނުބެހެއްޓުމުން ބައެއް މެންބަރުންނަށް ވޯޓު ނުލެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްރައިމަރީގައި ވާދަކުރީ 308 ކެންޑިޑޭޓުންނެވެ. އޭގެތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށް ކަމަށާއި 121 މީހަކު ވާދަކުރަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކަމަށް ޕީއެންސީން ބުނެއެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށް ޕްރައިމަރީ މިއަދު ބާއްވާފައި ނުވާތީ އެ ސިޓީގެ މޭޔަރުކަމުގެ ޓިކެޓް، މުޝްރިފް ޢަލީއަށް ވަނީ ކަށަވަރުވެފައެވެ.

ޕްރައިމަރީ ވަރަށް އަމާންކޮށް ނިންމާލެވުނު ކަމަށާއި، މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އާންމުކުރެވޭނެ ކަމަށް ފަލާޙު ވިދާޅުވިއެވެ. އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް 4ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.