ޕަބްލިކް ނޯޓަރީ ސިއްކަ ގާނޫނާ ޚިލާފަށް ބޭނުންކުރި މައްސަލައިގައި ބާ ކައުންސިލުން ވަކީލުކަމުގެ ހުއްދަ ހިފެހެއްޓި ވަކީލު ޒުންނަވާރު ސަލީމާއި އޭނާގެ އަނބިކަނބަލުން މެހެނާޒް ޙުސައިން ބާ ކައުންސިލާ ދެކޮޅަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ހައިކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައެވެ.
މި މައްސަލައިގެ ތަފްސީލް ސާފެއް ނުވާއިރު، ހައިކޯޓުން މި މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ބާ ކައުންސިލުން މި އަހަރުގެ މޭ މަހު ނެރުނު ބަޔާނެއްގައި ބުނީ 2021ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކުރުމުގައި މެހެނާޒަށް ދޫކޮށްފައިވާ ސިއްކައިގައި ޒުންނަވާރު މެހެނާޒުގެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދެ ވަކީލުންނަށް ރައްދުވާހެން ސުލޫކީ ޝަކުވާއެއް ލިބުމުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ އެ ފަރާތްތަކުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށެވެ.
ބާ ކައުންސިލުން ބުނި ގޮތުގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދާ ޚިލާފަށް އެއްބަސްވުމުގެ ބައިވެރިއެއްގެ ވަކީލެއްގެ ގޮތުގައި ޒުންނަވާރު އެއްބަސްވުން ނޯޓަރައިޒްކޮށްދީފައިވާކަން ފާހަގަކުރެވުނެވެ. ދެ ވަކީލުން ގާނޫނީ ފަންނުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި މެހެނާޒުގެ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް ހިފަހައްޓައި، ޒުންނަވާރުގެ ހުއްދަ 15 މަސް ދުވަހަށް ހިފެހެއްޓުމަށް ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ