ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރި 4000 ފްލެޓުތަކުގެ ޑައުންޕޭމަންޓަށް ދެއްކި ފައިސާ، ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ފައިސާއިން އުނިކޮށްދޭން ނިންމައިފިއެވެ. ތިން ކޮޓަރީގެ ފްލެޓުތަކުގެ ޑައުންޕޭމަންޓް 25،000 ރުފިޔާއިން 8،500 ރުފިޔާއަށާއި ދެ ކޮޓަރީގެ ފްލެޓުތަކުގެ ޑައުންޕޭމަންޓް 15،000 ރުފިޔާއިން 6،000 ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކި މީހުންގެ އަތުން އާ ރޭޓުގައި ކަނޑައެޅި 8،500 ރުފިޔާ އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ފައިސާއިން އުނިކޮށްދޭނެ ކަމަށެވެ. އެހެންކަމުން ތިން ކޮޓަރީގެ ފްލެޓުތަކުގެ މަހު ކުލި 8،500 ރުފިޔާއަށް ދެއްކުމަށް ފަށާނީ ބާކީ ހުރި ޑައުންޕޭމަންޓްގެ ފައިސާ ކުލީގެ ފައިސާއިން އުނިކޮށްލުމަށްފަހުގައެވެ. އެއާ އެއްގޮތަށް ދެ ކޮޓަރީގެ ފްލެޓުތަކުގެ ކުލި 6،000 ރުފިޔާއަށް ދައްކަން ފަށާނީ 15،000 ރުފިޔާ ދައްކާފައިވާ މީހުންގެ ބާކީ ހުރި ޑައުންޕޭމަންޓްގެ ފައިސާ ކުލިން އުނިކޮށްލުމަށްފަހުގައެވެ.
އެފްޑީސީން ތަރައްގީކުރި ފްލެޓުތަކަށް މީހުން ވަންނަން ފަށާފައިވާއިރު، މި ބަދަލާއެކު ދެ ކޮޓަރީގެ ފްލެޓުތަކުގެ މަހު ކުލި 6،000 ރުފިޔާއަށާއި ތިން ކޮޓަރީގެ ފްލެޓުތަކުގެ މަހު ކުލި 8،500 ރުފިޔާއަށް ކުޑަވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ