ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ކެނޑިޑޭޓުން ވާދަކުރާ ޕާޓީއެއްގެ ރެކޯޑު ޕީއެންސީން ހަދާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ މި އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުގެ 1 ން 15 އާ ހަމައަށް ކަމަށާއި، އެ ދެ ހަފްތާގެ ތެރޭގައި އިންތިހާބީ ދާއިރާތަކުގެ 97 ޕަސެންޓަށް ކެނޑިޑޭޓުން އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވި ހުރިހާ ލޯކަލް ކައުންސިލް އިންތިހާބަކަށް ބަލާއިރު ވެސް މިހާ ހިސާބަށް އެއް ޕާޓީއަކުން ކެނޑިޑޭޓުން ނުކުންނާފައި ނުވާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ ކޮމެޓީގެ އިންތިހާބާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި މި ބައްދަލުވުމުގައި ފަލާހު ވިދާޅުވީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި އެހެން ޕާޓީތަކުގެ ޕަސެންޓޭޖް 80 ނުވަތަ 90 އަށް ވެސް ނާރާތީ، މިފަހަރު ޕީއެންސީން ހާސިލުކުރި 97 ޕަސެންޓަކީ ރެކޯޑެއް ކަމަށެވެ. ކެމްޕޭން މެނޭޖަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ މުއްދަތު އިތުރު ނުކޮށް ދެ ހަފްތާގެ ތެރޭގައި މިހާ ގިނަ ކެނޑިޑޭޓުން އެޕްލިކޭޝަން ހުށަހެޅުމުން އެ ޕާޓީއާ މެދު ރައްޔިތުން ކުރާ ތާއީދާ ލޯބި އެނގިގެންދާ ކަމަށެވެ.
އެހެން ނަމަވެސް އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންގެ އަދަދު އަދި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ