މަސްތުވާތަކެތީގެ ކުށުގައި ހައްޔަރުކުރި ދެމީހުންގެ ކޮޓަރިން ފެނުނު ފައިސާއާ ހަވާލުވާން ދެކޮޅު ހަދައިފި

މަސްތުވާތަކެތީގެ ކުށުގައި ހައްޔަރުކުރި ދެމީހުންގެ ކޮޓަރިން ފެނުނު ފައިސާއާ ހަވާލުވާން ދެކޮޅު ހަދައިފި

Author
އަހުމަދު
17 ޑިސެމްބަރ 2025 10:25
0

މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށުގައި ހައްޔަރުކުރި 43 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކު، އެމީހުން ތިބި ކޮޓަރީން ފެނުނު 19،700 ރުފިޔާއާ ހަވާލުވާން ދެކޮޅު ހަދައިފިއެވެ.

ކްރިމިނަލް ކޯޓުގައި ބަންދާ މެދު ގޮތެއް ނިންމުމުގެ އިޖުރާއަތްތައް ބޭއްވުމުން، 43 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، 25 އަހަރުގެ މީހާގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ. ބަންދު އަމުރުގައިވާގޮތުން، އެ ދެމީހުން ތިބި ކޮޓަރީގައި ހުރި ގުޅިބުރިއެއްގެ ތެރެއިން މަސްތުވާތަކެތި ހޭކިފައިހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކޮޓަރީގެ ޑްރެސިން ޓޭބަލް ދަށުން 19،700 ރުފިޔާއާއި، 25 އަހަރުގެ މީހާގެ ޖީބުން 2،400 ރުފިޔާ ފެނިފައިވެއެވެ. ނަމަވެސް، ހައްޔަރުކުރި ތަނުގައި އެ ތަކެތި އެމީހުންގެ ކަމަށް އިއުތިރާފުވި ނަމަވެސް، ކޯޓުގައި އެ ދެމީހުން ވެސް އެއީ އެމީހުންގެ އެއްޗެއް ނޫން ކަމަށް ބުނެ، ކުރިން ދީފައިވާ ބަޔާން ދޮގުކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. 25 އަހަރުގެ މީހާ ވަނީ އެއީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށާއި، ރައްޓެއްސަކާ ބައްދަލުކުރަން އެތަނަށް ދިޔަ ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.