ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އިންޑިޔާއަށް ކުރަމުންދާ ގޯޓް ޓުއަރ ދަތުރުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އިންޑިޔާ ފުލުހުން އިވެންޓް އިންތިޒާމްކުރި މީހާ ހައްޔަރުކޮށްފިއެވެ. ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި 80،000 ޓިކެޓް ވިއްކާފައި އިއްޔެ ބޭއްވި ހަރަކާތުގައި ބޮޑު އަގުގައި ޓިކެޓް ގަތް ފޭނުންނަށް މެސީ ފެނިގެން ނުދިއުމުން ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގާފައެވެ.
މެޗު ފެށުމަށް 30 މިނެޓް ނުވަނީ މެސީ ސްޓޭޑިއަމަށް ގޮސް 10 މިނެޓްވެސް ނުވަނީސް ސަލާމަތީ ސަބަބުތަކަށްޓަކައި ދަނޑުން ދޫކޮށްފައިވާއިރު، އޭނާ ވަށައިގެން ގިނަ އަދަދެއްގެ ސެކިއުރިޓީ އޮފިސަރުންނާއި އޮފިޝަލުން ތިބުމުން ގިނަ މީހުންނަކަށް އޭނާ ފެނިފައެއްވެސް ނުވެއެވެ. މެސީ ނުފެނި ހިތްހަމަނުޖެހުނު ފޭނުން ވަނީ ދަނޑުތެރެއަށް ފެންފުޅިތަކާއި އެހެނިހެން އެއްޗެހި އުކާލައި، ގޮނޑިތަކާއި ސްޓޭޑިއަމްގެ އެކިއެކި ބަޔަށް ގެއްލުންދީ މުޅި ސްޓޭޑިއަމް ހަލަބޮލިކޮށްލާފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ހައްޔަރުކުރި މީހާއާ ދޭތެރޭ ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ. އަދި ކުރިއަށްއޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތް ރާވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. 4 ދުވަހަށް މެސީ އިންޑިޔާއަށް ކުރަމުންދާ މި ދަތުރުގައި އިންޓަރ މަޔާމީގެ ލުއިސް ސުއަރޭޒާއި ރޮޑްރިގޯ ޑިޕޯލްވެސް ބައިވެރިވަމުންދާއިރު، މުމްބާއީ، ހައިދަރުއާބާދް، އަދި ނިއު ދިއްލީގައިވެސް އޭނާއަށް ހާއްސަ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓު ފޮނުވާ