އަށް ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ ހުރިހާ ޗެމްޕިއަންކަމެއް އިންޑިއާއަށް

އަށް ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ ހުރިހާ ޗެމްޕިއަންކަމެއް އިންޑިއާއަށް

Author
އަހުމަދު
07 ޑިސެމްބަރ 2025 08:43
0

 

ބާސެލޯނާ ނަސަންދުރާގައި ބޭއްވި ހަތްވަނަ ކެރަމް ވޯލްޑް ކަޕުގެ ހުރިހާ އިވެންޓެއްގެ ޗެމްޕިއަންކަން އިންޑިއާއިން ކަށަވަރުކޮށްފިއެވެ. އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ޝަރަފުވެރިކޮށްދެއްވި މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވެއެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ކީރުތާނާ ލޯގަނާތަންއެވެ. ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ޕްރަޝާންތު މޯރޭއެވެ. އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ކީރުތާނާ ލޯގަނާތަން އަދި ކާޖަލް ކުމާރީގެ ޕެއާއިންނެވެ. ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ސްރީނިވާސް ކޮމަރަވެއްލީ އަދި އަބީޖީތު ތުރިޕަންކަރުގެ ޕެއާއިންނެވެ. އަންހެން އަދި ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަންވެސް އިންޑިއާއިން ހޯދިއިރު، ސްވިސް ލީގުގެ ޗެމްޕިއަންކަން ހޯދީ އަބްދުލް އާސިފް އަބްދުލް ސަމަދެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ޓީމު އިވެންޓުން ތާރީޚީ ރިހި މެޑެލް ހޯދާފައެވެ. ފައިނަލުގައި އިންޑިއާ އަތުން ރާއްޖޭގެ އަންހެން ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ. މިއީ ކެރަމް ވޯލްޑް ކަޕުގެ ތާރީޚުގައި ޓީމު އިވެންޓުގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، ދެވަނަ މަގާމު ހާސިލުކުރި ފުރަތަމަ ފަހަރެވެ.

މުޅި ދުނިޔޭގެ 17 ޤައުމަކުން 150 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވި މި މުބާރާތަކީ އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަނުން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުގައި މި މުބާރާތް ބޭއްވުމަށްފަހު، މިއީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބޭއްވި ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.