ވިލިމާލޭގައި އައުޓްޑޯ ޖިމް ހެދުމަށް ހަވާލުކުރި ކުންފުންޏަށް ބިން ހަވާލުކުރި ލިޔުން ވީދާލީ އެ ލިޔުމުގައި އޮޅުވާލައިގެން ބެކް ޑޭޓް ޖަހާފައި އޮތުމުން ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާ ވިދާޅުވީ 2023 ގައި މެރީ ޖޫގޯ ކުންފުންޏާއެކު އެގްރީމެންޓްގައި ސޮއިކޮށް ދެ އަހަރު ވީއިރުވެސް ބިން ހަވާލުނުކޮށް އޮތް ކަމަށެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ބިމުގެ ލިސްޓާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުން، ޖެހިގެން އައި ދުވަހު ވާރެއާ ތެރޭގައި އެ ކުންފުންޏަށް ގުޅައި ބިން ހަވާލުކުރަން ގެނައީ ކަމަށެވެ. އެ ލިޔުމުގައި ޖޫން މަހުގެ ތާރީޚެއް ޖަހައި އޮޅުވާލައިގެން ސޮއި ކުރުވީ ކަމަށް ނަހުލާ ތުހުމަތު ކުރެއްވިއެވެ.
ނަހުލާ ތަކުރާރުކޮށް ވިދާޅުވީ އެއީ ސިޓީ ކައުންސިލްގެ ލިޔުމެއް ނޫން ކަމަށާއި، ކުންފުންޏާ ހަވާލުކުރި ލިޔުމެއް އެ ކުންފުނީގެ ރުހުމާއެކު ވީދާލުމުން ކައުންސިލާ ބެހޭ ކަމެއް ނޫން ކަމަށެވެ.
މޭޔަރު އާދަމް އާޒިމް ވަނީ ރަސްމީ ލިޔެކިޔުން ވީދުމަކީ ޖިނާއީ ކުށެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅުއްވާފައެވެ.
ކޮމެންޓު ފޮނުވާ