ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭ މުސާރައިގެ އާ އޮނިގަނޑުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން، 609 އަށްވުރެ ގިނަ މުވައްޒަފުންގެ ސޮއި ހިމަނައިގެން ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ޖޭއެސްސީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މުވައްޒަފުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، މުސާރައިގެ އާ އޮނިގަނޑަށް މުވައްޒަފުން ގެންދިއުމުގައި ޝަރުތުތަކަށް ރިއާޔަތްކުރުމެއްނެތި ދަށް ރޭންކުތަކަށް ބަދަލުކޮށް، ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރި މުވައްޒަފުންނަށް ދެމުން ދިޔަ އިނާޔަތްތައް ކަނޑާލުން ހިމެނެއެވެ. ދައުލަތުގެ އެހެން އިދާރާތަކުން މުވައްޒަފުން ހާސިލްކުރި ސެޓްފިކެޓަށް ބަލައި މަތީ ރޭންކުތަކަށް ކުރިއެރުން ދެމުން އަންނަނަމަވެސް، ޝަރުއީ ދާއިރާގައި އެފަދަ ފުރުސަތުތައް ނެތް ކަމަށާއި، ހުރިހާ މަގާމުތަކަށް އެއްހަމައަކުން މުސާރައިގެ ކުރިއެރުން ދީފައި ނުވާ ކަމަށް މުވައްޒަފުން ބުންޏެވެ.
މީގެ އިތުރުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރަސްމީ ވަގުތު އެހެން މަސައްކަތްކުރުން މަނާވާ، އަދި ނުރަސްމީ ވަގުތު މަސައްކަތުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން މަނާވާ ބަޔެއް ކަމަށާއި، ބައެއް މުވައްޒަފުންނަށް ހަވާލުކުރާ އިތުރު މަސްއޫލިއްޔަތުތަކަށް އާ ޕޭ ފްރޭމްވޯކްގައި ރިއާޔަތްނުކުރާ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
ކޯޓު މުވައްޒަފުން މި މައްސަލައިގައި އިހުތިޖާޖު ކުރަމުން ދާއިރު، ފެމިލީ ކޯޓާއި ސިވިލް ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގު ކޯޓާއި ކްރިމިނަލް ކޯޓުގެ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ. އަތޮޅުތެރޭގެ މަރަދޫފޭދޫ މެޖިސްޓްރޭޓު ކޯޓާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ކަޅު ހެދުން ލައިގެން ޑިއުޓީއަށް ގޮސްފައިވެއެވެ.
މުވައްޒަފުންގެ ބަހުސަށް ރައީސް މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވީ، ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމަށެވެ. މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 1.7 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ