ފިނޭންސް މިނިސްޓްރީން ހާމަކުރި ދަރަނީގެ ހިސާބުތަކުން ދައްކާގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ އެތެރޭގެ ދަރަނި 87.3 ބިލިއަން ރުފިޔާއަށް އުފުލިއްޖެއެވެ. ދެވަނަ ކުއާޓަރުގައި އެތެރޭގެ ދަރަނި 85.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ ތިންމަހުގެ ތެރޭގައި ދެ ބިލިއަނެއްހާ ރުފިޔާ އިތުރުވެފައިވެއެވެ.
މި ދަރަނީގެ ބޮޑުބައި ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭކަން ފާހަގަކުރެވެއެވެ. ދަރަނީގެ 55.3 ޕަސެންޓު ނުވަތަ 48.3 ބިލިއަން ރުފިޔާ އުޅެނީ ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައެވެ. މީގެތެރޭގައި އެންމެ ބޮޑުބައި ހިއްސާކުރަނީ ޓްރެޝަރީ ބިލްއިން 37.2 ބިލިއަން ރުފިޔާއާއި، އިސްލާމިކް އިންސްޓްރޫމަންޓް ކަމަށްވާ ވަކާލާ ބިލް އިސްތިސްމާއިން 4.7 ބިލިއަން ރުފިޔާއެވެ. ދިގު މުއްދަތުން ދައްކަން ޖެހޭ ދަރަނި އުޅެނީ 39 ބިލިއަން ރުފިޔާގައި ކަމަށާއި، މީގެ ގާތްގަނޑަކަށް 99 ޕަސެންޓް ހިއްސާކުރަނީ ބޮންޑުން ކަމަށް ހިސާބުތަކުން ދައްކައެވެ.
އެތެރޭގެ ދަރަނި އިތުރުވިނަމަވެސް، ތަފާސް ހިސާބުތަކުން ބައެއް ޕޮޒިޓިވް ނަތީޖާތައް ފެނިފައިވެއެވެ. ސަރުކާރުން ކޮންމެ ހަފުތާއަކު ހަރަދު ހަމަޖައްސަން ވިއްކާ ޓްރެޝަރީ ބިލްގެ ނުދައްކާ ހުރި އަދަދު ދެވަނަ ކުއާޓަރުގެ 49 ބިލިއަން ރުފިޔާއިން ތިންވަނަ ކުއާޓަރުގައި 48 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ. ސަރުކާރުން މި ބިލްތައް ވިއްކަނީ 3 އިން 5 ޕަސެންޓާ ދެމެދުގެ ފައިދާއެއްގައި ކަމަށާއި، އެ ގަންނަނީ ވިޔަފާރި ބޭންކްތަކާއި އެމްއެމްއޭއާއި ޕެންޝަން ފަންޑާއި ދައުލަތުގެ ކުންފުނިތަކުންނާއި އާންމު ފަރުދުންނާއި ކުންފުނިތަކުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ