އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ 93 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށް ވިދާޅުވެއްޖެއެވެ.
ވުޒާރާއިން ހާމަކުރި ތަފުސީލުތަކަށް ބަލާއިރު، މި މަސައްކަތްތަކުގެ ތެރެއިން 42 މަޝްރޫޢެއްގެ މަސައްކަތް މުޅިން ނިންމާފައިވާއިރު، 51 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް މިވަގުތު އަންނަނީ ޢަމަލީގޮތުން ކުރިއަށް ގެންދަމުންނެވެ. ނިންމި މަސައްކަތްތަކުގައި އަލަށް ފެށި މަޝްރޫޢުތަކާއި، ކުރިން ފެށި ނަމަވެސް ހުއްޓިފައިވާ މަސައްކަތްތައް އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ނިންމި މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢުތަކުން މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
މިކަމާ ގުޅިގެން ވުޒާރާއިން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 133 ރަށުގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް މިހާރު ވަނީ ޚިދުމަތް ދެމުންގެންދާއިރު، އާބާދީ އިތުރުވަމުން އަންނަ ރަށްތަކުގައި ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެއެވެ.
ޤާނޫނުން ލާޒިމުކޮށްފައިވާ ގޮތުގައި 2027ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ