މަޖިލިސް މެންބަރަކު ޕާޓީ ބަދަލުކުރުމުން ނުވަތަ ވަކިވުމުން ގޮނޑި ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނެގުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މި އިސްލާހުގައި ވަނީ އާންމު ވޯޓުގައި މެންބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ދެމިހުންނަވާނެ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ އެ ދައުރުގެ ތެރޭގައި އެ މެންބަރަކު ސިޔާސީ ޕާޓީގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު އަސާސީގެ 6 ވަނަ އިސްލާހުގައި ހަތަރު ހާލަތެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެއެވެ. އެއީ ޕާޓީން އަމިއްލައަށް ވަކިވުން، އެހެން ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން އަދި މިނިވަން މެންބަރު ޕާޓީއަކަށް ވަނުމެވެ.
މި އިސްލާހާ ދެކޮޅަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން މައްސަލަ ހުށަހަޅުއްވި ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިޔަށް ގޮސްފައެއް ނުވެއެވެ. ހަމަ މިފަދަ އިސްލާހެއް މީގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހު މަޖިލީހުން ބޭރުކޮށްލާފައިވެއެވެ.
ކޮމެންޓު ފޮނުވާ