ފުވައްމުލަކު ސިޓީގައި ކުރިމަތިވި ފެނުގެ މައްސަލަ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުވެ، ކުރިއެކޭ އެއްގޮތަށް ފެން ލިބެން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ފެން ތަޣައްޔަރުވެފައިވާތީ އިއްޔެ ފެނުގެ ހިދުމަތް ކަނޑާލުމާ އެކު އެ ރަށު ވަނީ ފެނަށް ޖެހިފައެވެ. ސޯޝަލް މީޑިއާގައި ހީނާ ކުރެއްވި ޕޯސްޓްގައި ބުނެފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މިންގަނޑުތަކާ އެއްގޮތަށް ފެން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ކަނޑާއި ވައިގެމަގުން 1،200 ކޭސް ފެން ފުވައްމުލަކަށް ފޮނުވާފައިވާއިރު، އިތުރަށް ވެސް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ އެތައް ދުވަހެއް ވަންދެން މި މައްސަލަ އޮތް ކަމަށާއި ފެނަކަ ކޯޕަރޭޝަނުން ކުރިން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ