މި އަހަރު ޓްރެފިކް އެކްސިޑެންޓުތައް އިތުރުވެ، ވައްކަން މަދުވެއްޖެ

މި އަހަރު ޓްރެފިކް އެކްސިޑެންޓުތައް އިތުރުވެ، ވައްކަން މަދުވެއްޖެ

Author
ހުސައިން
08 ނޮވެމްބަރ 2025 02:11
0

މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުލުހުންނަށް ރިޕޯޓުކުރި ޓްރެފިކް އެކްސިޑެންޓުތައް މިދިޔަ އަހަރާ އަޅައިބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ރިޕޯޓުކުރި ވައްކަމުގެ މައްސަލަތައް މަދުވެއްޖެއެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2374 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 2487 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ 113 އެކްސިޑެންޓްގެ އިތުރުވުމެކެވެ.

ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ދިހަ މަހު 2886 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 3122 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ 16 އަހަރުގެ ތެރޭގައި ވައްކަމުގެ 95،064 މައްސަލަ، މަސްތުވާތަކެތީގެ 41،316 މައްސަލަ އަދި ޓްރެފިކް އެކްސިޑެންޓުގެ 40،240 މައްސަލަ ހުށަހަޅައިފައިވާއިރު، މިއީ އެންމެ ގިނައިން ރިޕޯޓުކުރާ މައްސަލަތަކެކެވެ.

ރާއްޖޭގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ވެސް ދަނީ ގެއްލެމުންނެވެ. މިކަމާ ގުޅިގެން، މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ސިޔާސަތަށް ވެސް ބަދަލު ގެނެސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.