2.7 ބިލިއަން ރުފިޔާގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚަރަދުވާ ފައިސާ

2.7 ބިލިއަން ރުފިޔާގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚަރަދުވާ ފައިސާ

Author
ޙަސަން މުޙައްމަދު
06 ނޮވެމްބަރ 2025 08:43
0

ސަރުކާރުން ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއުތަކުގެ ހަރަދުވާ ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުވާ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. ބާސެލޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ނުވަ ކުންފުންޏަކާ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދެވެ.

ގެދޮރުވެރިކަމުގެ 13 މަޝްރޫއުގެ ތެރޭގައި ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓާއި، ލ. ގަމާއި ފޮނަދޫގައި 100 ހައުސިން ޔުނިޓާއި، ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓާއި، އެހެނިހެން ރަށްރަށުގައި ހައުސިން ޔުނިޓްތައް އެޅުން ހިމެނެއެވެ. މި މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދޭނީ އިންވެސްޓާ-ފައިނޭންސް މޮޑެލްގެ ދަށުންނެވެ.

ތައުލީމީ ދާއިރާއިން ސްކޫލް އިމާރާތްތަކާއި ލެބޯޓަރީތަކާއި "ކޫލް ސްކޫލް" 26 މަޝްރޫއަކަށް 397 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ސިއްހީ ދާއިރާއިން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އިމާރާތް ކުރުމަށް 30 މަޝްރޫއަކަށް 312 މިލިއަން ރުފިޔާ ހޭދަވާނެއެވެ. ކުނި މެނޭޖް ކުރުމުގެ 24 މަޝްރޫއަކަށް 204 މިލިއަން ރުފިޔާއާއި، ކުޅިވަރު އިންފްރާސްޓްރަކްޗާގެ 52 މަޝްރޫއަކަށް 197 މިލިއަން ރުފިޔާއާއި، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ 14 މަޝްރޫއަކަށް 196 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ދެ މަޝްރޫއަކަށް 131 މިލިއަން ރުފިޔާއާއި، ފުލުހުންގެ 39 މަޝްރޫއަކަށް 114 މިލިއަން ރުފިޔާއާއި، ޔުނިވަސިޓީ ކެމްޕަސްތަކުގެ ފަސް މަޝްރޫއަކަށް 114 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ހައުސިން ޔުނިޓް އެޅުމަށްޓަކައި ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން 3،000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.