15 އަހަރުގެ ޒުވާނަކު ގަރާޖުން އުފައްދާލި ކާރަކާއެކު ސަމާލުކަމަށް

15 އަހަރުގެ ޒުވާނަކު ގަރާޖުން އުފައްދާލި ކާރަކާއެކު ސަމާލުކަމަށް

Author
ހުސައިން
01 ނޮވެމްބަރ 2025 08:45
0

ބ. ގޮއިދޫގެ 15 އަހަރުގެ ޒުވާން މުހައްމަދު ޝާދިން ޝާކިރު ފޫހިވެގެން ފަށައިގަތް މަސައްކަތަކުން މިހާރު ރަށުގެ ވަރަށް ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ. ބައްޕަގެ ގަރާޖުގައި މަސައްކަތް ކުރަމުން ދިޔަ ޝާދިން ކާރެއް އުފެއްދުމަށް ނިންމިއިރު، ބައްޕަ އާއި މަންމަ އެކަމުގައި ފުރިހަމަ އެއްބާރުލުމާއެކު އެހީތެރިވެދިނެވެ. 5،000 ރުފިޔާއާއި 7،000 ރުފިޔާއާ ދެމެދުގެ ހަރަދުގައި ޝާދިން ކާރުގެ ކުރެހުން ތައްޔާރުކޮށް ތަކެތި ހޯދައި މަސައްކަތް ފެށިއެވެ.

ފުރަތަމަ ޝާދިން މަސައްކަތް ކުރީ ދަނޑަށް ފެން ދޭން ބޭނުންކުރާ ޕަމްޕެއް ބޭނުންކޮށްގެންނެވެ. އެކަމަކު އެކަން ވެގެން ނުދިޔައީމާ، ބައްޕަ ދިން ހިޔާލަކަށް ސައިކަލެއްގެ އިންޖީނު ކާރުގައި އަޅުވައިގެން މަސައްކަތް ކުރިއަށް ގެންދިޔައެވެ. އިންޖީނުގެ މައްސަލަތަކާއި ވެލްޑިންގެ ދަތިތައް ކުރިމަތިވި ނަމަވެސް، ޝާދިން މާޔޫސްވެގެން ހުއްޓުމެއް ނުގެނެއެވެ. ތިން މަހެއްގެ ވަރަށް ބައްޕަގެ އެހީގައި މަސައްކަތް ކުރުމަށްފަހު އޭނާގެ އަމިއްލަ ކާރު ނިންމާލެވުނެވެ.

ބައެއް މީޑިއާތަކާއި މައުލޫމާތު ހިއްސާކުރަމުން މިހާރު ގްރޭޑް 10 ގައި ކިޔަވަމުންދާ ޝާދިން ބުނި ގޮތުގައި އެ ކާރު އަދި ދުވަނީ ކުރިޔަށް އެކަންޏެވެ. ފަހަތަށް ދުވާ ގޮތަށް ގިޔަރު ބޮކްސެއް ލައިގެން އަޕްގްރޭޑްކުރަން އޭނާ ވިސްނަމުންދެއެވެ. އޭނާގެ މި މަސައްކަތާއެކު ރަށުގެ ގިނަ މީހުން ވަރަށް އުފާކޮށް ތަފާތު ހިޔާލުތައް ދެމުން ގެންދެއެވެ. ސްކޫލް ނިންމުމަށްފަހު ވެސް ބައްޕައާއެކު ގަރާޖުގައި މަސައްކަތް ކުރަން ޝާދިން ބޭނުންވެއެވެ. ހިތްވަރާއި އަޒުމާއެކު ކޮންމެ ކަމެއް ވެސް ހާސިލުކުރެވޭނެ ކަމުގެ ނަމޫނާއެއް ޝާދިން ދައްކައިދީފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.