ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ހުއްޓުވުމަށް ފާއިތުވި ދުވަސްތަކުގައި ކުރެއްވި މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށްވާ ޖެނެރޭޝަނަލް ބޭންގެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.
މި ގާނޫނުގެ ދަށުން ޖެނުއަރީ 1، 2007، ނުވަތަ އޭގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން މަނާވާނެ އެވެ. މީގެ އިތުރުން އެ ފަރާތްތަކަށް ދުންފަތް ވިއްކުމާއި، އިސްތިހާރު ކުރުމާއި، ދިނުމަކީ ވެސް ގާނޫނީ ކުށެއް ކަމަށް ވާނެ އެވެ. މި ގާނޫނަށް އަމަލު ކުރަން ފަށާއިރު 2007، ގައި އުފަން ބައެއް ފަރާތްތަކަށް 18 އަހަރު ފުރިފައިވީނަމަވެސް އެ ފަރާތްތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ އެވެ.
ދުންފަތް ވިއްކާ ފަރާތްތަކުން ދުންފަތް ވިއްކާއިރު، ގަންނަ ފަރާތަކީ 2007، ގެ ކުރިން އުފަންވި މީހެއްކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. އުމުރު ޝައްކު ކުރެވޭ ނަމަ އައިޑީކާޑު ދައްކަން އެންގޭނެ އެވެ. އަދި 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތް ވިއްކުމުގެ މުއާމަލާތްތަކުގައި ހަރަކާތްތެރި ނުވެވޭނެ އެވެ. ދުންފަތް ވިއްކޭނީ އެކަމަށް ހާއްސަކޮށް ރަޖިސްޓްރީކޮށްގެން ކަމަށް ވާތީ، މިއީ ދުންފަތުގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށް އަޅާ އިތުރު ފިޔަވަޅެއް ކަމަށް ވެ އެވެ.
މީގެ ކުރިން ޑިސެމްބަރު 2024، ގައި ސަރުކާރުން ދުންފަތުގެ ޓެކްސް ބޮޑުކޮށް ވޭޕް ބޭނުން ކުރުން ވެސް މަނާކޮށްފައިވާއިރު، މި ހުރިހާ ފިޔަވަޅުތަކުގެ މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ކުޑަކޮށް ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ