2028 ގެ ވޯޓު ކަރުދާހުގައި ނަން އޮންނާނެ: ޔާމިން

2028 ގެ ވޯޓު ކަރުދާހުގައި ނަން އޮންނާނެ: ޔާމިން

Author
ހުސައިން
31 އޮކްޓޯބަރ 2025 10:35
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި އެ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވައިފި އެވެ. މިކަން ޔާމީން ހާމަކުރެއްވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފުރަތަމަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަށް ހުރަސްއެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ނަމަވެސް އެ މަސައްކަތްޕުޅުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އެހެންވެއްޖިއްޔާ އެ ވޯޓު ކަރުދާސް ޗާޕުކުރާނީ ދިވެހިރާއްޖެއަކު ނޫން. ރައީސް ޔާމީންގެ ނަން އިރާދު ކުރެއްވިއްޔާ ވޯޓު ކަރުދާހުގައި އޮންނާނެ،" ތިންވަނަ ފަހަރަށް ރިޔާސީ ރޭހަކަށް ނުކުމެވަޑައިގަންނަވާކަން އިއުލާން ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.

މިހާރު ކޯޓްތަކުގައި އެމަނިކުފާނާ ދެކޮޅަށް މައްސަލަތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަތަކުން ސަލާމަތްވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މާތް الله އެ ކަމެއް މި މީހުންނަށް މިންވަރެއް ނުކުރައްވާނެ. އަޅުގަނޑު ވަރަށް ޔަގީން އަޅުގަނޑުގެ ކޭސްއާ ދޭތެރޭ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.