މާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ފޮޓޯ ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަންއަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފި އެވެ. ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހުސައިންގެ މައްޗަށް ދައުވާ ނުކުރުމަށް އޮފީހުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުމުގެ ސަބަބު ހާމައެއް ނުކުރައްވަ އެވެ.
މި މައްސަލައިގައި ފުލުހުން ހުސައިންގެ މައްޗަށް ތުހުމަތުކުރީ ސެޕްޓެމްބަރު 10 ގައި ހިންގި ޑްރަގް އޮޕަރޭޝަންގައި މީހަކު ހައްޔަރުކުރި ވަގުތު އޭނާ ފޮޓޯ ނަގައި، އެ ފޮޓޯ ޑިލީޓު ކުރަން ފުލުހުން އެންގުމުން ކިޔަމަންތެރި ނުވެ އިތުރު ފޮޓޯ ނަގަން އުޅުމުންނެވެ. ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި، މާރާމާރީ ހިންގުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 14 ޖިނާއީ ކުށުގެ ތުހުމަތު ކުރި އެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން 15 ދުވަހަށް ބަންދުކުރަން އެދުނު ނަމަވެސް، ޝަރުތު ކުރުމަށްފަހު ކޯޓުން އޭނާ ދޫކޮށްލި އެވެ. އޭނާގެ ވަކީލު އިބްރާހިމް ޝިޔާން ވިދާޅުވީ ހާމަކޮށް މަގުމަތީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ފޮޓޯ ނެގުން ޖިނާއީ ކުށެއް ކަމަށް ނުބަލައި، މި މައްސަލައިގައި ހުސައިންގެ ވާޖިބަށް ހުރަސްއެޅީ ފުލުހުންކަން ތަހުގީގުން ދައްކުވައިދޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ