ދިއްފުށީގައި ސްޓެލްކޯއިން ޤާއިމްކުރި 7 މެގަވޮޓްގެ އައު އިންޖީނުގެ ހުޅުވައިދެއްވައިފި

ދިއްފުށީގައި ސްޓެލްކޯއިން ޤާއިމްކުރި 7 މެގަވޮޓްގެ އައު އިންޖީނުގެ ހުޅުވައިދެއްވައިފި

Author
ހުސައިން
29 އޮކްޓޯބަރ 2025 09:17
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްފުށީގައި ސްޓެލްކޯއިން ޤާއިމްކުރި އައު އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދުގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި ރަށު ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ ރަށްރަށަށް ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައިފައެވެ.

12.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި 7 މެގަވޮޓް ކެޕޭސިޓީގެ އިންޖީނުގޭގެ އިތުރުން ކަސްޓަމަރ ސަރވިސް ބިލްޑިންގއަކާއި އިންފާރެއް ހިމެނެއެވެ. ކުރީގެ 2.2 މެގަވޮޓްގެ ކެޕޭސިޓީއާ ނުބަލާއިރު، އައު އިންޖީނުގެ ކެޕޭސިޓީ ތިންގުނައަށް އިތުރުވުމުން ދިއްފުށީގެ މިހާރުގެ ބޭނުންތަކަށް ފުދުމުގެ އިތުރުން، ރަށުގެ އާބާދީ އިތުރުވެ ފަތުރުވެރިކަން ފުޅާވިޔަސް ކަރަންޓުގެ ދަތިކަމެއް ނުޖެހޭނެކަން ކަށަވަރުވެއެވެ.

ސަންވިލް ޕވޓ ލޓޑ އިން ކުރިއަށް ގެންދިޔަ މި މަޝްރޫޢު 26 ޖޫން 2024 ގައި ފަށައި 30 އޭޕްރީލް 2025 ގައި ނިންމާލުމަށް ހަމަޖެހިފައިވާއިރު، ޒަމާނީ ފެންވަރުގެ އިންޖީން ރޫމާއި ކޮންޓްރޯލް ރޫމް، އޮފީސް ބަޔާއި އެކޮމޮޑޭޝަން ބްލޮކާއެކު އެޅި މި އިންޖީނުގެއަކީ ލާމަރުކަޒީ ތަރައްޤީގެ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބީއެއްކަމުގައި ސަރުކާރުން ބަޔާންކުރެއެވެ. މިފަދަ މަޝްރޫޢުތަކުން ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ އިޤްތިޞާދީ ހަރަކާތްތަކަށް ބާރު ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.