ވީއައިއޭގެ އާ ޓާމިނަލްގައި ދެ މުވައްޒަފަކަށް ބިރުދައްކައި ފައިސާ ސޫޓްކޭސް ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ވީއައިއޭގެ އާ ޓާމިނަލްގައި ދެ މުވައްޒަފަކަށް ބިރުދައްކައި ފައިސާ ސޫޓްކޭސް ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
27 އޮކްޓޯބަރ 2025 07:12
0
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ރޭ ފަތިހު ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކަށް ބިރުދައްކައި ފައިސާހުރި ސޫޓްކޭސް ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރެވެ. އެ ވަގުތު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީއެއް ނެތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ވީއައިއޭގެ ކުރީގެ ޓާމިނަލުން ފަހުން ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު ސޫޓްކޭސް ޖަހައިގަތީ ވަޅިން ބިރުދައްކާފައެވެ. އެމީހުން ފިލައިގެން ދިޔައީ ޖެޓީގައި އޮތް ލޯންޗެއްގައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ މި ވައްކަމުގައި ބޭނުންކުރި ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށާއި އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި އާންމެއް ނުކުރެ އެވެ. އަދި މި ވައްކަމުގައި ބައިވެރިވީ މި ހަތަރު މީހުން އެކަނި ކަމެއްވެސް ސާފެއް ނޫނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ފުރަތަމަ ފޮނުވި މެސެޖުގައި ބުނީ މައްސަލަ ފުލުހަށް ރިޕޯޓު ކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.