ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ދައުވާތަކުގެ ހުކުމް އަންނަ މަހުގެ 13 ވަނަ ދުވަހު އިއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަސަދުއްޒަމާން ހާމަކުރައްވައިފި އެވެ.
މިދިޔަ އަހަރު ދަރިވަރުން ނުކުމެ ކުރި ބޮޑެތި މުޒާހަރާތަކުން ވެރިކަން ވެއްޓުމާ އެކު، 78 އަހަރުގެ ހަސީނާ ފިއްލަވައިގެން ވަޑައިގަތީ އިންޑިއާއަށެވެ. ޝަރީއަތަށް ހާޒިރުވުމުގެ އަމުރުތަކަށް ތަބާ ނުވެވަޑައިގެން ހުންނެވުމުން، ކޯޓުން ވަނީ ފަސް މަސް ދުވަހު ދެމިގެން ދިޔަ ޝަރީއަތް އޭނާގެ ޣައިރު ހާޒިރުގައި ބުރާސްފަތި ދުވަހު ނިންމާލައިފަ އެވެ.
"އިންސާފު ގަބޫލުކުރައްވާ ނަމަ ހަސީނާ ޝަރީއަތަށް ވަޑައިގަންނަވާނެ. އެއީ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެއް، އެކަމަކު ބޮޑު ގައުމެއް ދޫކޮށް ފިއްލެވީ،" އެޓާނީ ޖެނެރަލް ހުލާސާ ބަޔާނުގައި ވިދާޅުވި އެވެ.
ޖޫން 1 ގައި ފެށި މި ޝަރީއަތުގައި، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި މީހުން މެރުމުގައި ސީދާ ހަސީނާގެ ފަރާތުން އަމުރުތައް އައި ކަމުގެ ތުހުމަތު ސާބިތުކުރުމަށް އެތައް ބަޔަކު ހެކިބަސް ދީފައިވެ އެވެ. އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޯގަސްޓް މަހާ ދެމެދު 1،400 މީހަކު މަރާލާފައިވެ އެވެ.
ޕްރޮސިކިއުޓަރުން ހަސީނާގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވާއިރު، މީހުން މެރުން ނުހުއްޓުވުމުގެ ކުށް ހިމެނެ އެވެ. މިއީ ބަންގްލާދޭޝްގެ ގާނޫނުގައި އިންސާނިއްޔަތާ ހިލާފް ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެކެވެ. އިސް ޕްރޮސިކިއުޓާ ތާޖުލް އިސްލާމް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ދެކޮޅަށް ހުރިހާ ޖަރީމާތަކެއް ހިންގުމުގެ މެދުގައި ހުރީ ހަސީނާ އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، ދައުލަތުން ވަނީ މަރުގެ އަދަބު ކަނޑައެޅުމަށް އެދިފަ އެވެ.
ހަސީނާއާ އެކު، ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުޒުމާން ޚާން ކަމާލް އާއި ފުލުހުންގެ ކުރީގެ ވެރިޔާ ޗައުދަރީ އަބްދުﷲ އަލް މާމޫނަށް ވެސް މި ދައުވާތައް ކުރެ އެވެ. ކަމާލް ވަނީ ވެރިކަން ވެއްޓުމާ އެކު ފިލައިގެން ގޮސްފައި ވާއިރު، މާމޫން ހައްޔަރުކޮށްފައިވާއިރު ދައުވާތަކަށް އިއުތިރާފް ވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ