ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާލުމަށް އެމްޑަބްލިއުއެސްސީން ވަނީ ނިންމާފައެވެ. ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، ޕްލާންޓު ރާއްޖެ ގެނެސްފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
މި ޕްލާންޓުން ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭނެއެވެ. ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭނީ 500 ކިލޯވޮޓުގެ އަވިން ހަކަތައިންނެވެ. އަދި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރީ ނިޒާމެއް ވެސް ޤާއިމްކުރާނެއެވެ. މަސައްކަތުގެ 46 އިންސައްތަ ޚަރަދުކުރާނީ އެމްޑަބްލިއުއެސްސީންނެވެ. ބާކީ ޚަރަދު ބޭރުކުރާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުންނެވެ.
މަތީން ވިދާޅުވީ، މިއީ ރާއްޖޭގައި ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށާއި، ކުޅުދުއްފުށީގައި ކުރާ މި ތަޖުރިބާ އެހެން ރަށްރަށުގައި ވެސް ހިއްސާކޮށް ދެމެހެއްޓެނިވި ގޮތަކަށް ފެން އުފެއްދުމުގެ ނިޒާމުތައް ޤާއިމްކުރުމަށް މަސައްކަތްކުރާނެކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން ވެސް ކުޑަވެގެންދާނެކަމަށް ކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ