ގއ. ކޮލަމާފުއްޓަށް ލޯންޗަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އެރަށުން ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހަސަން ރައްޔާން ރާޝިދު 26، އިސްމާއިލް ހައިޒަމް ހަބީބް 22، އަލީ ޖަނާހް ޖައުފަރު 25، އަދި އިބްރާހިމް އަޒާން މުހައްމަދު 19، އެވެ.
ފުލުހުން އެ ލޯންޗު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދެ ދަޅު ފެނިފައިވެ އެވެ. އަދި އެއް މީހެއްގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ސެލޯފޭން ޕެކެޓު ވަނީ ފެނިފަ އެވެ. ޖުމްލަ 44.83 ގްރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ މިތަކެތި ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަށް ކޯޓުން ވަނީ ބަންދު އަމުރު ނެރެފަ އެވެ. އެގޮތުން ހައިޒަމް 12 ދުވަހަށް އަދި ދެން ތިބި ތިން މީހުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ