ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދު ދަށް

ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދު ދަށް

Author
ޙަސަން މުޙައްމަދު
23 އޮކްޓޯބަރ 2025 08:26
0

މި އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތަކަށް، ދައުލަތުގެ އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 8.5 ޕަސެންޓު އިތުރުވެ، 30.7 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރި މާލީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ އާމްދަނީގެ 75 ޕަސެންޓަށްވުރެ ބޮޑު ބައެއް ލިބިފައިވަނީ ޓެކްސް ފައިސާއިންނެވެ. މި މުއްދަތުގައި ގްރީން ޓެކްސް 105 ޕަސެންޓާއި ޑިޕާޗާ ޓެކްސް 56 ޕަސެންޓުން އިތުރުވެފައިވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ލިބުނު އާމްދަނީ 61 ޕަސެންޓުން މައްޗަށް ޖެހިއްޖެ އެވެ. އާމްދަނީއަށް މިހާ ބޮޑު ކުރިއެރުމެއް ލިބިފައިވާ މައިގަނޑު ސަބަބަކީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓުން އިތުރުވެފައިވުމެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ސަރުކާރުގެ ފިސްކަލް ރިފޯމް ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ޚަރަދު މިދިޔަ އަހަރާ އަޅާބަލާއިރު 15.3 ޕަސެންޓުން ދަށްވެ 30.5 ބިލިއަން ރުފިޔާގައި ހުއްޓިފައިވެ އެވެ. ޚަރަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ކެޕިޓަލް ހޭދަ 58 ޕަސެންޓުން ދަށްވެފައިވުމެވެ. މި އަހަރު މިހާތަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ހަރަދުވީ 4 ބިލިއަން ރުފިޔާއަށް ވުރެ މަދުން، މިދިޔަ އަހަރާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

އޮފީސް ހިންގުމުގެ ހަރަދުތައް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަކޮށްފައިވާއިރު، މުސާރައާއި ޕެންޝަނަށް ކުރާ ހޭދަ އަދިވެސް އިތުރުވަމުން އަންނަ ކަމަށް ހިސާބުތަކުން ދައްކައެވެ. މި އަހަރުގެ މިހާތަނަށް މުސާރައަށް 10.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 10.2 ބިލިއަން ރުފިޔާގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.